ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) މާދަމާ ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިއަހަރުގެ ކޮންފަރެންސްގައި 400 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް އައިޔޫއެމްއިން މަޢުލޫމާތު ދީފަވެއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައިވަނީ 223 ރިސާޗަރުންނެވެ.
ކޮންފަރެންސް ރަސްމީކޮށް ފެށުމުގެ ކުރިން، ސެޕްޓެމްބަރު 26 އަދި 27 ވަނަ ދުވަހު ޕްރީ ކޮންފަރެންސް ވޯކްޝޮޕްތަކެއް ވަނީ ބާއްވާފައެވެ. މި ވޯކްޝޮޕްތަކުގައި އެވްރެޖްކޮށް ކޮންމެ ވޯކްޝޮޕަކަށް 60 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އައިޔޫއެމްއިން ހާމަކޮށްފަވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި 113 ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިނގިރޭސި ބަހުން 83 ކަރުދާހާއި، ދިވެހި ބަހުން 12 ކަރުދާހާއި، އަރަބި ބަހުން 18 ކަރުދާސް ހިމެނެއެވެ.
ކޮންފަރެންސްގައި ބައިވެރިވާ 402 ފަރާތުގެ ތެރެއިން 292 ފަރާތުން ކޮންފަރެންސަށް ހާޒިރުވެގެން ބައިވެރިވާއިރު، 110 ފަރާތުން ބައިވެރިވާނީ އޮންލައިންކޮށެވެ. މީގެ ތެރޭގައި ބޭރުގެ 59 ފަރާތެއް ރާއްޖެއަށް އައިސް ކޮންފަރެންސްގައި ބައިވެރިވާނެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި މެލޭޝިޔާ، ބުރުނާއީ އަދި އިންޑޮނޭޝިޔާގެ ޔުނިވަރސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ. އެންމެ ގިނައިން ކަރުދާސް ލިބިފައިވަނީ ތަޢުލީމީ ދާއިރާއިންނެވެ.
އައިސީއައިއޭ އަކީ އައިޔޫއެމްއިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ، ރާއްޖޭގައި ބާއްވާ އިލްމީ އެންމެ ބޮޑު އެއް ކޮންފަރެންސެވެ. މިއީ މި ކޮންފަރެންސް ބޭއްވޭ ނުވަވަނަ އަހަރެވެ.