ޔަހޫދީ ޖަމާއަތުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ރޭގެ ވަގުތެއްގައި ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ. އައިޑީއެފްގެ ލަޝްކަރުން ރޭ ބޭނުން ކޮށްފައި ވަނީ މީގެ ކުރިން ބޭނުން ނުކުރާ ވައްތަރުގެ ބޮމެވެ. މިއީ އިސްރާއީލަށް އެމެރިކާއިން މި ފަހުން ޓެސްޓުކުރުމަށް ދީފައިވާ ބޮންތައް ކަމަށް މުހައްލިލުން ބުނެއެވެ.
ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި އާންމުންގެ ހަ އިމާރާތެއް ހަލާކުވެ، ދިހަވަރަކަށް މީހުން ޝަހީދުވިއެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ 23 އިން 27 އަށް މުޅި ލުބުނާނުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 50 ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވެސް ވަނީ 1،800 އަށް އަރާފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމަށް ރައްދު ދިނުމުގެ ގޮތުން ލުބުނާނުގެ ހިޒްބުالله އިން ވަނީ އިސްރާއީލުގެ ސަފާދު ސިޓީއަށް ރޮކެޓްތަކެއް ފޮނުވާލާފައެވެ. ހިޒްބުالله އިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާ އެމީހން އިސްރާއީލަށް ދިނީ ހުއްޓުމެއް ނެތި ނެތި ބޮމުގެ ހަމަލާތައް ތަހައްމަލު ކުރަމުން އަންނަ ލުބުނާނުގެ ރައްޔިތުންގެ ދިފާއުގައި ކަމަށެވެ.
އިސްރާއީލުގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ރޮކެޓް ހަމަލާގެ ސަބަބުން މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެއް އަންހެނަކު ވަނީ ޒަޚަމްވެފައެވެ. އެތައް އިމާރާތެއްގައި އަލިފާން ރޯވެ، ދެ ގެއަކަށް ރޮކެޓް ހަމަލާ އަމާޒުވިއިރު ގިނަ އަދަދެއްގެ ކާރުތަކަށް ގެއްލުން ލިބިފައިވެ އެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް، ލިބުނު ގެއްލުމުގެ ފުރިހަމަ މިންވަރު ވަޒަންކުރުމަށް އެމަޖެންސީ ސާވިސްތަކުން މަސައްކަތް ކުރަމުންދާއިރު، ސަފާދުގެ ހާލަތު އަދިވެސް އޮތީ ނުތަނަވަސްވެފައެވެ. އެއްވެސް ޔަހޫދީއަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.
ޔަހޫދީން މިހާރު ވެސް ލުބުނާނުގެ 50 އަށް ވުރެ ގިނަ ސަރަހައްދަށް ހަމަލާތައް ދީފައިވާއިރު، އެންމެ ބޮޑަށް ހަމަލާތައް ދެމުންދަނީ ވެރިރަށް ބެއިރޫތަށެވެ. މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އަންނައިރު، ގިނަ އިމާރާތްތައް ވަނީ ފުނޑުފުނޑު ވެފައެވެ. މިއީ ތަފާތު ވައްތަރެއްގެ ބޮން ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ މިދިޔަ ހަފްތާގައި އިސްރާއީލުން ލުބުނާނުގެ މުވާސަލާތީ އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް، ހަމަލާ ދިނުމަށްފަހު ފަށައިގެންއުޅޭ ހަނގުރާމައެކެވެ.









