ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ. ފަތުރުވެރިކަމާބެހޭ ވަޒީރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، ވަޒީރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަން އެ ވުޒާރާއިން ހާމަކުރިއެވ.ެ
އެގޮތުން، ވަޒީރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ރޭވިފައި ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން، މިރޭ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޒީރު ބައިވެރިވެވަޑައިގަނަވާއިރު، މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން ވަނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ފާހަގަކުރައްވައި އަދި މި ދަތުރުފުޅުގެ ސަބަބުން ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.









