ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުޓުގެ އައު ޓަރމިނަލް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.
ވަޒީރު ފައިސަލް ވިދާޅުވީ، "އުއްމީދުކުރަނީ ޑިސެމްބަރުމަހުތެރޭގައި އައު ޓަރމިނަލް ހުޅުވާލެވޭނެ ކަމަށް. އަދި މުޅި އެއަރޕޯޓު ފުލީ ފަންކްޝަން ކުރަން ފެށެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނޫނީ ދެވަނަ ކުއާޓަރުގައި ފެށިގެންދާނެ" ކަމަށެވެ.
އައު ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑުމިނުގެ ޓަރމިނަލެއް ކަމަށާއި، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރެވޭ ޓަރމިނަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ ފަސް ގުނަ ބޮޑު ޓަރމިނަލެކެވެ.
ވަޒީރު އޒީރު އިތުރަށް ވިދާޅުވީ، އައު ޓަރމިނަލް އޮޕަރޭޝަނަށް އަންނައިރު، ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުން މުހިއްމު ކަމަށެވެ. އަދި މަރކެޓިންގެ ހަރަކާތްތައްވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ފަތުރުވެރިކަމުން ދައުލަތަށް ލިބެނީ 4.5 ބިލިއަން ޑޮލަރެވެ. އަދި 2027 ވަނަ އަހަރު އަންނައިރު މި އަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
އައު ޓަރމިނަލްގައި އެންމެފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައްވެސް މި އައު ޓަރމިނަލްގައި ޤާއިމުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.









