ކޮންމެ މަސްއޫލިއްޔަތަކީވެސް، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ ވެސް މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށާއި އޭނާގެ މައްޗަށް ވާޖިބުތަކެއް ވާ ކަމަށެވެ. ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭއިރު، މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިޙުމާލު ނުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚުތުބާގައި ބުނީ އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫން ކަމަށާއި، ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫން ކަމަށެވެ.
ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށް ޚުތުބާގައި ބުންޏެވެ. ހަމަ އެ ފަދައިން ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ޚުތުބާގައި ބުންޏެވެ. މައިންބަފައިން، މުދައްރިސުން، އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ބުނީ ޒިންމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑު ކަމަށެވެ. މީގެ އިތުރުން ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބައެއް ކަމަށާއި، އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބަޔެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އެފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެ ކަމަށާއި އަހުރެމެން ކުރެ ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށާއި، ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާޞްތެރިވާން ޖެހޭ ކަމަށެވެ. އަދި ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، ޢަދުލުއިންޞާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަން ކަމަށެވެ.
ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. މި ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެން އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.









