އިންވެސްޓްމަންޓް ނިޒާމު އިސްލާހު ކުރުމަށް ރާއްޖެއިން ވަނީ ޕްރޮއެކްޓިވް ފިޔަވަޅުތަކެއް އަޅާފައި ކަމަށް، ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަގުރީރުގައި ރޭ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ، ގެންގުޅުއްވާ ތަޞައްވަރުގެ ތެރެއިން އިގްތިސާދު ތަފާތުކޮށް ބޭރުގެ އިންވެސްޓްމަންޓް ޝައުގުވެރި ކުރުވުމަށް ކުރާ މަސައްކަތަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަމަށް ޒަމާނުއްސުރެ ބަރޯސާވެފައިވާ ރާއްޖެއިން ދަނީ އާ އިންވެސްޓަރުންނަށް ހުޅުވާލައިގެން އިގްތިސާދީ އަސާސް ފުޅާކުރަމުންނެވެ.
އިގްތިސާދު ތަފާތުކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ރާއްޖޭގެ އިންވެސްޓްމަންޓް ނިޒާމު އިސްލާހު ކުރުމަށް މިދިޔަ މަހު އާ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ފާސްކޮށްފައިވާއިރު، އެއީ ޕްރޮއެކްޓިވް ފިޔަވަޅުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އެ ގާނޫނުގެ ސަބަބުން ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ބޮޑު ހިމާޔަތާއި އިނާޔަތްތަކެއް ލިބިގެންދާނެތީ ކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ.މުއިއްޒު ވަނީ އައު އީޖާދުތަކާއި އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް ޑިޖިޓަލް ޓްރާންސްފޯމަޝަން ޕްރޮގްރާމަކާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ގައުމުތަކުން އަލަށް ފަށާފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އަމާޒަކީ މިއަހަރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ނަށް ހިދުމަތް ދިނުން ކަމަށާއި، މި މަޤްޞަދަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއަރޕޯޓް ފުޅާކުރުން ހިމެނޭ ގޮތަށް ބޮޑެތި މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށެވެ.
މި އިޤްތިޞާދީ ތަފާތުކުރުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ކުރިއެރުމެއް ކަށަވަރުކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.









