ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ފަހިވާނެ މަގުތައް ތަނަވަސްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީގައި މިރޭ ދެއްވި ތަޤުރީރެއްގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މޫސުމީ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑު އިޞްލާޙު ކުރުމާއި ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) އަތްފޯރާފަށުގައި އެހީ ހޯދުމަށް ވަކާލާތު ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އާމްދަނީގެ ދޮރުތައް ފުޅާކުރުމަށް ރޭވިފައިވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ފާސްކުރުމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފެށުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުދި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ލޯނުތައް ޒުވާނުންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު މާކެޓްތައް ހޯދުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާކަމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފްލޯޓިންގ ސޯލާ ޕެނަލްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އާބަން ސެންޓަރުތަކެއް ޤާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ރަސްމާލެ ޕްރޮޖެކްޓަކީ އިޤްތިޞާދާއި ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ނިޒާމެއް އޮންނަތާ 16 އަހަރު ވެފައިވާއިރު، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރު، މުޖުތަމައު އަދި މުޅި ސިސްޓަމަކީ ކޮރަޕްޝަނުން ސަލާމަތްވެފައި އޮތް ތަނަކަށް ހަދަން ޖެހޭ. މި މަސައްކަތް ކުރުމުގައި ދެމިތިބޭނަން. އެކަން ކުރާނީ ހާއްސަކޮށް އަހަރުމެންގެ ބައިވެރިންނާއެކު، މިސާލަކަށް އެމެރިކާ." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ތަޤުރީރަކީ، އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޕްރިންސްޓަން ޔުނިވަސިޓީގައި ދެއްވި ތަޤުރީރެކެވެ. މި ތަޤުރީރުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭ ގޮތުން ވަރަށް ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.









