ރާއްޖެ އޮތް ސްޓްރެޓީޖިކް ސަރަޙައްދުގެ ގޮތުން ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެކަމަށާއި، އެކަމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ސަމާލުވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އާތަރ ލުއިސް އޯޑިޓޯރިއަމްގައި ދެއްވި ތަޤުރީރެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ އޮތް ސަރަޙައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަލްކް ކާގޯގެ 3 ބައި ކުޅަ އެއްބަޔާއި، ދުނިޔެއަށް ބޭނުންވާ ތެލުގެ ދެބައި ކުޅަ އެއްބައި އެކި ތަންތަނަށް ފޯރުކޮށްދެނީ އިންޑިއާ ކަނޑު ހުރަސްކޮށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އިންޑިއާ ކަނޑުގައި ބާރުގަދަކުރަން ބޭނުންވާ ބަޔަކު ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އަޅައިގަންނަނީ ރާއްޖެއަށް. އަޅުގަނޑުމެން މިތިބީ އެކަމަށް ފުރިހަމައަށް ސަމާލުވެގެން. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެ މުހިއްމު ރިޔާސީ ވަޢުދަށް ހެއްދެވީވެސް އެ ސަބަބުތަކާއި ހުރެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އަދި ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށްވުމަކީ އެމެރިކާއާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށްވެސް މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަޤުރީރު ނިންމަވާލެއްވުމަށް ފަހު، ދަރިވަރުންނާއި މުދައްރިސުންނާއެކު ޚިޔާލު ބަދަލުކުރުމުގެ ރަސްމިއްޔާތެއް ('ފަޔަރސައިޑް ޗެޓް') އަދި ސުވާލާއި ޖަވާބުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައީސް ޕްރިންސްޓަން ޔުނިވަރސިޓީއަށް ކުރެއްވި މި ޒިޔާރަތަކީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނިފައިވާ މުހިންމު ބައްދަލުވުމެކެވެ.









