ރައީސަށް އިންޒާރުދިނުން ޕީއެންސީ، ޖޭޕީ އަދި ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 485 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2024 00:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މާލެ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މިހާރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މާލެ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި މި މައްސަލައަކީ އިންތިހާއަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭކަމަށާއި، އަވަސް ތަޙްޤީޤެއް ކުރުމަށް އެދޭކަމަށް ބަޔާންކޮށްފައިވެއެވެ.

ޖުމްހޫރީ ޕާޓީން މި މައްސަލަ ސިފަކޮށްފައިވަނީ ޣައިރު މަދަނީ އަދި އިންތިހާއަށް ދަށުދަރަޖައިގެ ޢަމަލެއްގެ ގޮތުގައެވެ. އަދި މިއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ދެވުނު އިންޒާރެއް ނޫންކަމަށާއި، މުޅި ޤައުމަށް ދެވުނު ނުރައްކާތެރި އިންޒާރެއްކަމަށް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މި ޢަމަލު ސިފަކޮށްފައިވަނީ އަނިޔާވެރި، ރަޙުމުކުޑަ އަދި އިންތިހާއަށް ދަށުދަރަޖައިގެ ނުބައި ޢަމަލެއްގެ ގޮތުގައެވެ. އަދި މިއީ މުޖުތަމަޢުގައި ބިރުވެރިކަމާއި ހަމަނުޖެހުން އުފެއްދުމަށް ހިންގޭ ޓެރަރިޒަމްގެ ޢަމަލެއްކަމަށް ކައުންސިލުން ދެކޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން، މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން ފަރާތުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ. މި އިންޒާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓަކަށް އޭނާ ކުރި ކޮމެންޓެއްގައެވެ.

މި މައްސަލައާ ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ގޮވާލާފައިވަނީ އަވަސް ތަޙްޤީޤެއް ހިންގައި، ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް އެންމެހާ ފަރާތްތަކުން ވަނީ އިއްތިފާޤުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%