މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ، މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މިވަގުތަށް ވަގުތީ ހައްލެއް ހޯދިފައިވާ ކަމަށެވެ.
މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 17 މިލިއަން ރުފިޔާއެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީތެރިކަމާއެކު މިފްކޯއިން ވަނީ އަދާކޮށް ނިންމާފައެވެ.
ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަމުން މިފްކޯއިން ބުނީ ސަރުކާރުގެ އަމާޒަކީ މިހާތަނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރުން ކަމަށެވެ.
މީގެ އިތުރުން، މަސްވެރިންނަށް ޤަވާޢިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަފުތާއަކު އެއްފަހަރު ކަނޑައަޅާ އަގެއްގައި ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ އިތުރުން، މިފްކޯގެ ހިންގުން ހަރުދަނާކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ހޯދައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.









