އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަޅާ ފުރަތަމަ 50 ކައުންސިލް އިދާރާގެ ޕްރޮޕޯސަލްތައް ޗައިނާ ސަރުކާރަށް ފޮނުވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައިއެވެ.
ވަޒީރު ވިދާޅުވީ ކައުންސިލް އިދާރާތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެމަނިކުފާނު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލް އިދާރާތަކުގެ ހާލަތު އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ގިނަ ރަށްތަކުގައި އަދިވެސް ބޭނުންކުރަމުންދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ރަށު އޮފީސް ހިންގަމުން އައި އިމާރާތްތައް ކަމަށާއި، އެހެންވެ ޖާގައިގެ ދަތިކަން ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައްޔިތުން ބާރުވެރިކުރުވުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ވޭތުވެދިޔަ އަހަރުތަކުގައި ނުކޮށްއޮތުމުން ކައުންސިލްތަކުގެ ހާލަތު އޮތީ ވަރަށް ނިކަމެތިވެފައި ކަމަށާއި، ސަރުކާރުން ބޭނުންވަނީ އެ ހާލަތު ބަދަލުކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މިވަނީ މި ޕްރޮޕޯސަލްތައް ޗައިނާ ސަރުކާރަށް ފޮނުއްވާފައި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް. އަދި އަޅުގަނޑަށް އިއްޔެ ޗައިނާ އެމްބަސީން ޔަގީންކޮށްދެއްވި ގޮތުގައި މިހާރު ޗައިނާ ސަރުކާރުގައި އޭގެ މަޝްވަރާތައް ކުރިއަށް އެބަދޭ. އެހެންވެ އެ 50 ކައުންސިލް އަޅުގަނޑުމެން މި ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ އޭގެ ރަސްމީ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.
މި 50 ކައުންސިލްގެ އިތުރުން ޕީއެސްއައިޕީގެ ދަށުން 55 ކައުންސިލް އިމާރާތެއްގެ މަސައްކަތްވެސް މީގެ ކުރިން ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ. ރާއްޖޭގެ މާލީ ހާލަތު ދަށް ނަމަވެސް، ސަރުކާރުން ބޭނުންވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށާއި، ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޕްރޮޕޯސަލްތައް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޕްރޮޕޯސަލްތައް ލިބުމުން ވީހާވެސް އަވަހަށް އެ ކައުންސިލްތަކުގެ މަސައްކަތްތައްވެސް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކައުންސިލް އިދާރާތަކުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށާއި އަދި މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ފާހަގަކޮށްފަވެއެވެ.
ސަރުކާރުން މި މަޝްރޫއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކަކީ ރާއްޖޭގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް ފާހަގަކުރެވެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ފެށި، ނިމިގެންދާނެ ގޮތާ ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.









