އައްޑޫގައި ހުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
ފެނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާތަކެއް ގެއްލިގެން އުޅެނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ ފެނަކަ އޮފީހުން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްޞީލެއް ޙިއްސާކުރެވެން އަދި ނެތް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އޮފީހުން އެކި ފަހަރުމަތިން 400,000 އެއްހާ ރުފިޔާ ވަނީ ގެއްލިފައެވެ.
ފެނަކައަކީ ކޮރަޕްޝަނުގެ ބޮޑެތި ޢަމަލުތައް ހިންގާފައިވާ ކުންފުންޏެއް ކަމަށްވެސް މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.
ދިގު މުއްދަތެއް ވަންދެން އެ ކުންފުނި ހިންގަމުން އައި ނަމަވެސް، ކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައި ކަން ފާހަގަކޮށްލެވެއެވެ. މިކަމަށް އެދެވޭ ޙައްލެއް ގެނައުމަށްޓަކައި އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.









