އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ފަހުމުނާމާއަކީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ ފަހުމުނާމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ދިވެހި ރައްޔިތުން ތަޢުލީމީ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށާއި އެކަން ބަލައިގަންނަކަމަށެވެ. އަދި މިކަންކަމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދެވެން ހުރި އެއްބާރުލުމެއް ކުރިއަށް އޮތްތަނުގައިވެސް ދެމުން ގެންދާނެކަމަށާއި، ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމަށްވެސް މިނިސްޓްރީން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު ވިދާޅުވީ، މި ފަހުމުނާގެ ސަބަބުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި ޢިލްމުވެރިންނަށް އާ ދޮރުތަކެއް ހުޅުވި، މުޖްތަމަޢަށް އެހީތެރިންކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ.









