ކައުންސިލްގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގޮވާލައްވައި، އެ ކައުންސިލްގެ ދާއިމީ މެމްބަރުންގެ އަތުގައި އޮތް ވީޓޯގެ ބާރު އުވާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. މިއީ އދ.ގެ މެމްބަރަކަށް ވުމަށްފަހު ފާއިތުވި 59 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމުގައި ކައުންސިލްގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮތްކަން ހަނދާންކޮށްދެއްވިއެވެ. އަދި ސަލާމަތީ މަޖިލީހަށް ކުރާ އިތުބާރު ދަށަށް ދަނީ ހަމަހަމަ ތަމްސީލާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް "ޓެކްސްޓް ބޭސްޑް" މަޝްވަރާތަކާއެކު އާ އިންޓަރގަވަރމެންޓަލް ޕްރޮސެސްއެއް އެމަނިކުފާނު ހުށަހެޅުއްވިއެވެ. އެގޮތުން ސިޑްސް އަށް ދާއިމީ ރޮޓޭޓިން ސީޓެއް ދިނުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރެއްވި އެވެ.
ވީޓޯގެ ބާރު ގެނައުމަކީ ހަރުދަނާ ގޮތެއްގައި ނިންމުންތައް ނިންމުމަށް އޮތް ހުރަހެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، ވީޓޯގެ ސަބަބުން ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓުވުމުން ކައުންސިލް ނުކުޅެދިފައިވާ ކަމަށާއި، އިސްރާއީލަށް އަނިޔާވެރިވުމަށް ފުރުސަތު ދީ، ކުށެއް ނެތް އިންސާނުން ގަތުލުކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.
ޢަދުލު އިންޞާފުގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ނިޒާމެއް ޤާއިމުކުރެއްވީ، މި ކައުންސިލްގެ މެމްބަރު ޤައުމުތަކުން ކަމުގައި ވިދާޅުވެ، ކައުންސިލްގެ އަސާސީ އުޞޫލުތައް ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެމަނިކުފާނުގެ ޚިޠާބުގައި، އ.ދ.ގެ ސަލާމަތީ މަޖިލީހަކީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހަރުދަނާ ގޮތެއްގައި އިޖާބަދެވޭނެ ކައުންސިލެއްކަން ކަށަވަރުކުރުމަށްޓަކައި، އެކައުންސިލް އިޞްލާޙުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.









