ހޮނިހިރު ދުވަހު އިސްރާއީލުން ސްކޫލް ކޮމްޕައުންޑަކަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ. އިސްރާއީލުން ބުނީ ހަމަލާ ދިނީ އެތަނުގައި ފިލައިގެން ހިޔާވަހިކަން ހޯދަމުންދިޔަ ހަމާސްގެ ހަނގުރާމަވެރިންނަށެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ މިސައިލް ޖެހުނީ ޣައްޒާ ސިޓީ ކައިރީގައި އޮންނަ އަލްޒައިތޫން ސްކޫލަށް ކަމަށާއި އެތަނުގައި އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ކަމަށެވެ.

އެއީ ހަމާސްގެ ހަނގުރާމަވެރިން އުޅޭ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ 3 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް 13 ކުޑަކުއްޖަކު ވެސް ޝަހީދުވެފައި ވާއިރު މުޅިންވެސް ޝަހީދުވީ ޢާންމުންނެވެ.
އެމެރިކާގެ ޒަމާނީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގައި ދިރިއުޅޭ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލުމަށްފަހު އެގައުމުގެ މީޑިއާތަކުން ހަބަރު ފަތުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ. އިސްރާއީލުން ދެކެނީ ޣައްޒާގެ ކޮންމެ ރައްޔިތަކީ ވެސް ހަމާސްގެ މުޖާހިދެއް ކަމަށް ޣައްޒާގެ ރައްޔިތުން މިހާރު ދަނީ ބުނަމުންނެވެ.









