އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ ނިރުބަވެރިކަމުގެ އަމަލުތަކެއް ކަމަށާއި، އެކަމަށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ.ގެ އާއްމު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް ގައުމަކުން ހައްގަތަކަށް އަރައައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، "ޣައްޒާގެ ގެތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އިންސާނީ އެހީތެރިކަން ދޭ ތަންތަނަށް ތަކުރާރުކޮށް ވަނީ ހަމަލާދީ ސުންނާފަތިކޮށްލާފައި، ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި ފިިރިހެނުން ޝަހީދު ކުރުން ދަނީ ތަކުރާރުވަމުން" ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ލުބްނާނަށް ހަމަލާދީ އެތަނުގައި އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން ނޫސްވެރިންނާއި ނޫސް އެޖެންސީތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ވާހަކަވެސް ހިއްސާ ކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، "ނިރުބަވެރި މި އަމަލުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ.ގެ ގަރާރުތަކާއި ހިލާފަށް ހިންގާ މި އަމަލުތަކަށް އިސްރާއީލުން ޖަވާބުދާރީވާން ޖެހޭ، އަދި އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅައި، ފަލަސްތީނުގެ ދައުލަތް ބަަލައިގަންނަން ޖެހޭ" ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް މުއިއްޒަކީ ފަލަސްތީނުގެ މައްސަލައިގައި އެކި ޕްލެޓްފޯމްތަކުގައި އަޑުހަރުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެއް ކަމެވެ. މީގެ ކުރިންވެސް އދ ގެ ޕެލެނަރީ އޮފް ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް ވަނީ ހިތްވަރާއެކު ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވަން ޖެހޭ ކަމަށާއި ފަލަސްތީނަކީ ވަކި ދައުލަތެއް ކަމަށް ނިންމަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.









