ސްރީލަންކާގެ އައު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުނު ޑރ. ހަރީނީ އަމަރަސޫރިޔެއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ހަރީނީގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. މީގެ އިތުރުން، ގަރުނުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. ހަރީނީ އަމަރަސޫރިޔެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީްވީ ސްރީލަންކާގެ އައު ރައީސް އަނުރަ ކުމާރަ ދިސާނަޔަކައެވެ. މިއާއެކު، ޑރ. ހަރީނީ ވެވަޑައިގެންފައިވަނީ ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަށެވެ. އަދި އެ ޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާއަށެވެ.
ޑރ. ހަރީނީއަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ރައީސް ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދު ތަމްސީލުކުރައްވާ މެންބަރެކެވެ. އޭނާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވަނީ 2020 ވަނަ އަހަރުއެވެ. ޑރ. ހަރީނީއަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތްރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވުމާއެކު، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.









