ފަލަސްތީނުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ މުޅި އިންސާނިއްޔަތަށް ނަމޫނާ މަސައްކަތްޕުޅެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، މުޅި ދުނިޔޭގެ ހަގީގީ އެހީތެރިކަން ބޭނުންވެފައިވާ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްފުޅަކީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި ކުރައްވާ އަދި މުޅި އިންސާނިއްޔަތަށް ނަމޫނާ މަސައްކަތްޕުޅެއް ކަމަށެވެ.
މިހާރު ނިއުޔޯކުގައި ބޭއްވެމުންދާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު މީޑިއާއަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ރާއްޖެއަކީ އަބަދުވެސް ފަލަސްތީނާއެކު އޮތް ގައުމެއް ކަމަށާއި، ކޮންމެ ދިވެހި ދަރިއަކުވެސް ފަލަސްތީނަށް ދެވެން އޮތް އެންމެ ވަރުގަދަ އެހީތެރިކަމެއް ދޭކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ކޮންމެ ތަނެއްގައިވެސް ރާއްޖެއިން އަޑުއުފުލާނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެ މީހުންގެ ހައްގުގައި ކަމަށެވެ. މީގެއިތުރުން، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއެކު ބޭއްވެވި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ކުށްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހީން މީގެ ކުރިންވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިފަދައިން ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްދެވެން އޮތް ކަންކަން ފުރިހަމަކޮށްދިނުމުގައި ދިވެހީން ސާބިތުކަމާއެކު ތިބޭނެ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.









