ފެނަކަ ކޯޕަރޭޝަނުން މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 60% ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ފެނަކައިން އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މީޑިއާއާ ހިއްސާކުރުމާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފެނަކައިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީން އޮގަސްޓު މަހުގެ ނިޔަލަށް އެ ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 150.6 މިލިއަން ރުފިޔާގައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ފެނަކައިގެ ހިންގުމުގެ ޚަރަދު ވަނީ 59.9 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ޚަރަދެއް ކުޑަކުރެވިފައިވަނީ ކުންފުނީގެ ލޮޖިސްޓިކްސް ޚަރަދުތަކުންނެވެ. މިގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި 74.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޓްރާންސްޕޯޓަށް ޚަރަދުކޮށްފައިވަނީ 11.7 މިލި މިލިއަން ރުފިޔާއެވެ. މިއީ 84% ގެ ކުޑަވުމެކެވެ.
މީގެ އިތުރުން، ކުންފުނިން ވަނީ ސީއެސްއާރްގެ ޚަރަދުތައް މުޅިން ހުއްޓާލާފައެވެ. ނަމަވެސް ފަލަސްޠީނު ފަންޑަށް 1 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި ބޭރު ދަތުރުތަކުގެ ޚަރަދުވެސް 69% އަށް ކުޑަކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
"ބައެއް މީހުންނަށް 2500 ޑޮލަރު ދީފައި އެބަހުރި. އެއީ ސެލެކްޓެޑް ވަކި ބަޔަކަށް. އެހެންވީމާ މިހާރު ޕޮލިސީތަކެއް ހަދަމުން މިދަނީ ކުންފުނީގެ އިންޝިއުރަންސް ނިޒާމަކަށް ދާން. ސްޓާފުން ގިނަވީމަ އެކަމަށްވެސް އެބަ ދަތިވޭ. އެހެންވީމަ މިހާރު ވިސްނުމަކީ އެސްޓީއޯގެ ސަބްސިޑަރީއަށް ބަދަލުވީމަ މިކަން ކުރަން ފަސޭހަވާނެ." ފެނަކައިގެން މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނަކީ އައު ސަރުކާރު ހަވާލުވިއިރު އެންމެ ބޮޑު ގެއްލުމެއްގައި އަދި އެންމެ ބޮޑު ދަރަނީގައި ހިންގަމުން އައި އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.









