މަސްވެރިންގެ ދަފްތަރުގައި އަންނަ މަހު 1ގެ ކުރިން ރަޖިސްޓްރީ ވާންޖެހޭއިރު ، މިއަދާއި ހަމަޔަށް 50 ޕަސަންޓު އުޅަނދުން ޕްރޮސެސް ފުރިހަމަ ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާގެ ޓީމްތަކުން އަންނަނީ ދަފްތަރުވުމާ ގުޅޭ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމަށް ރަށްރަށަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 11 އަތޮޅަކަށް އެ ވުޒާރާގެ މުވައްޒަފުން ޒިޔާރަތްކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާގެ ޓީމްތައް ޒިޔާރަތްކުރި އަތޮޅުތައް:
• އައްޑޫ ސިޓީ
• ފުވައްމުލައް ސިޓީ
• ގދ. އަތޮޅު
• ގއ. އަތޮޅު
• ލ. އަތޮޅު
• ކ. އަތޮޅު
• ހއ. އަތޮޅު
• ހދ. އަތޮޅު
• ށ. އަތޮޅު
• ބ. އަތޮޅު
• ފ. އަތޮޅު
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ ގައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމުގެ ގޮތުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާ ކުރުމުގެ މަރުހަލާގައި އުޅަނދުގެ ހުރިހާ ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާކަން މިނިސްޓްރީން ޔަގީންކުރާނެ ކަމަށެވެ.
މީގެ އިތުރުން، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އެ ތާރީހުގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަން ކެޔޮޅު، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ކެޔޮޅު" ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފައިވެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން ރަޖިސްޓްރީކުރެވޭނެއެވެ.
މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުމަށާއި އެ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީގެ ޓިމުތައް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުތަކަކީ މަސްވެރިކަމާ ބެހޭ ތަރައްގީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.









