ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި އިސްރާއީލުން ބޮން އަޅައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށް އިތުރު ބަޔަކު ޒަޚަމް ކޮށްފިއެވެ.
ޚާން ޔޫނިސް ގައި އިސްރާއީލުން މިފަހަރު ވެސް ހަމަލާ ދިނީ ގަސްދުގައި ގެއަކަށް އަމާޒުކޮށެވެ. މީގެ އިތުރުން އެހެން ގެޔަކަށް ވެސް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނެވެ.
އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން މިއަދު ފަތިހު ޣައްޒާ ސިޓީގެ އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން ނަމަކަށް ކިޔާ ސަރަހައްދަށް ވެސް ބޮން އެޅިއެވެ. ޣައްޒާ ސިޓީގެ ތަލް އަލް ހަވާ އާއި އަލްސަބްރާ އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ވެސް އިޒްރޭލު ސިފައިން ވަނީ ޓޭންކަރުތަކުން ގޮސް ބަޑިޖަހާފައި ކަމަށް ހަބަރުތައް ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ބިމާއި ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުން 41،455 މީހުން ޝަހީދުވެފައިވާ ކަމަށް އދ ގެ ރެކޯޑުތައް ބުނެއެވެ. ނަމަވެސް މި އަދަދު އެއަށްވުރެ އިތުރެވެ. ސަބަބަކީ އިމާރާތްތަކުގެ ދަށުގައި ކުނިވެފައިވާ ހަށިތައް އަދިވެސް ނެގިފައި ނުވާއިރު އެމީހުންގެ އަދަދުތައްވެސް އެތައް ހާހަކަށް އަރާނެ ކަމަށް ވެއެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ 10،000 ވަރަކަށް މީހުން ތިބޭނެއެވެ.
ފަލަސްތީނުން ބުނާ ގޮތުގައި އިސްރާއީލުގެ ޖަރީމާ ތަކުގައި ޒަހަމްވެފައިވާ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޖުމްލަ 95،878 މީހުން ޒަޚަމްވެފައިވާއިރު އެތައް ހާސް ބަޔަކު ގެއްލިފައި ވެއެވެ.









