މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލައި އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންއިން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޔަގީންކަން ދެއްވައިފިއެވެ.
އދ.ގެ 79 ވަނަ އާންމު މަޖިލީހުގެ އެއްފަރާތުގައި ބޭއްވި މުހިއްމު ބައްދަލުކުރެއްވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ވަފްދާއިއެކު ކުރެވުނު މަޝްވަރާތަކުގައި ރައީސް ޑރ. މުއިއްޒު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލިގެންދާއިރު ބިން ތިރި މި ދިވެހި ގައުމުގެ ދިރިހުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ދިވެހި ފަސްގަނޑަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް އެންމެ ނާޒުކު އެއް ގައުމަކަށް ވުމާއެކު ރާއްޖެއިން ވަނީ މޫސުމީ ކަންކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ނަމަވެސް ރައީސް ޑރ.މުއިއްޒު ވަނީ މި މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިތުރު އެހީތަކެއް ބޭނުންވާކަމަށް އަލިއަޅުވާލައްވާފައެވެ. ޚާއްސަކޮށް މޫސުމާއިގުޅޭ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ފައިނޭންސް ކުރުމާއި ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ހިންގުމުގައި ޔޫރަޕިއަން ޔޫނިއަންގެ އިތުރު އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލީޑަޝިޕަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ތައުރީފު ކުރައްވާފައެވެ. އަދި މާލީގޮތުންނާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި، މި މަސައްކަތްތަކުގައި ރާއްޖެއަށް އެހީތެރިވާނެ ކަމަށް ވެސ އީޔޫއިން ބުންޏެވެ.









