އދ.ގެ 79 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ދައުލަތުގެ ރައީސް ޑރ. މަޙްމޫދު އައްބާސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވަމުން ރައީސް އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަކީވެސް އިންސާނުންކަމަށްވާތީ ހަނގުރާމަ ހުއްޓާލުމަށް އެދޭ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންގެ ޙާލަތު ޙައްލުކުރުމަށް ދުނިޔޭގެ އެއްބާރުލުމަށް އެދޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ޙައްޤުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، ފަލަސްޠީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރާއްޖެއިން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާ ފަލަސްޠީނުގެ ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެޤައުމަށް ދެމުން ގެންދާ އެހީ އަބަދުވެސް އެނގޭކަމަށާއި، އެޤައުމުގެ މިނިވަންކަމަށްޓަކައި ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރު އަދާކުރާކަމަށެވެ.
ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވެސް ދެއްވައިގެންނެވެ.









