އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުން ބަލިވެއްޖެނަމަ ދެން ވާދަނުކުރައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކަމަލާ ހެރިސްއާ ވާދަކޮށް ބަލިވެއްޖެނަމަ ހަތަރު އަހަރު އަހަރު ފަހުން އަނެއްކާވެސް ވާދަކުރާނީތޯ ނޫސްވެރިއެއް ސުވާލު ކުރުމުން 78 އަހަރުގެ ކުރީގެ ރައީސް ވިދާޅުވީ އެހިސާބުން އެ ނިމުނީ ކަމަށާއި އެ މަންޒަރެއް އޭނާއަށް އެއްގޮތަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޓްރަމްޕު އިތުރަށް ވިދާޅުވީ ނޮވެމްބަރުގައި އޮންނަ އިންތިހާބު އޭނާ ކާމިޔާބުކުއްވާނެ ކަމަށެވެ.

2020 ވަނަ އަހަރު ބައިޑަން އަތުން ޓްރަމްޕް ބަލިވި ނަމަވެސް، އިންތިހާބު "ވަގަށް ނަގާފައިވާ" ކަމަށް ތުހުމަތުކޮށް ބަލި ގަބޫލުކުރައްވަން އޭނަ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އިންތިހާބު ބާތިލްކުރަން ކުރި މަސައްކަތާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ޖިނާއީ ދަޢުވާތަކެއް އުފުލާފައެވެ. ނަމަވެސް ޓްރަމްޕު ބުނަމުން އައީ އެއީ ސިޔާސީ ދަޢުވާތަކެއް ކަމަށާއި އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.