ރާއްޖޭގައި ސައިބަ ސެކިއުރިޓީ އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގެ "ސަމިޓް ފޮ ފިއުޗާ"ގެ ތެރެއިން މިރޭ ކުރިޔަށް ދިޔަ ތިން ވަނަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް ފުޅާވަމުން އަންނަނީ ދާއިރާގެ ތަޖުރިބާކާރުންނަށް ވެސް އެއާ އެއްހަމަ ނުކުރެވޭހާ ބާރު މިނެއްގައި ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ތިންބައިކުޅަ އެއްބައިި ގައުމުތަކަށް އަދިވެސް އިންޓަނެޓަށް ނުވަދެވޭ ކަމަށާއި އޭގެ ތެރޭގައި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނޭ ކަމަށެވެ. މިއީ ހަމައެކަނި އިންޓަނެޓަށް ނުވަދެވުމެއް ނޫންކަމަށާއި، ތަރައްގީ އާއި ފުރުސަތުތަކާއި އިންސާފަށް އޮތް ބޮޑު ހުރަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް ތިން ގޮތެއް ހުށަހެޅުއްވިއެވެ. އެއީ:
1. ޑިޖިޓަލް އިގްތިސާދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހަރަކާތްތަކެއް ހިންގުން
2. ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ބިނާ ކުރުން
3. ޑިޖިޓަލައިޒޭޝަން ބޭނުންކުރާ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުން
ރައީސް ވިދާޅުވި ގޮތުގައި ހުއްދަ ނެތި ވަނުމާއި އެކައުންޓުތައް ހެކް ކުރުމާއި ޑޭޓާ ޕްރައިވަސީ އަކީ އަސްލު މައްސަލަތަކެކެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖަންސީއެއް އުފައްދާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް، ސައިބަ ސެކިއުރިޓީގެ އިންސްފްރާސްޓްރަކްޗާ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައި އިތުރަށް ފުރިހަމަ ކުރުމަށް އެހީ ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާއިން އުންމީދީ ފިޔަވަޅުތައް އެޅުމަށް ބޭނުންވަނީ ބައިނަލްއަގުވާމީ އެއްބާރުލުމާއި، އިންވެސްޓްމަންޓްތަކާއި ޕާޓްނާޝިޕްތައް ކަމަށް ރައީސް އިތުރަށް ފާހަގަކުރެއްވިއެވެ.









