ސްރީ ލަންކާގެ އަލަށް އިންތިޚާބުވި ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވަނީ ދިވެހިރާއްޖެއާއި ސްރީ ލަންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވާފައެވެ.
މި ޔަގީންކަން ދެއްވާފައިވަނީ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް މުއިއްޒު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އަނޫރާގެ ވެރިކަމުގައި ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މި ޕޯސްޓު ރީޕޯސްޓު ކުރައްވައި އަނޫރާ ވިދާޅުވެފައިވަނީ ރައީސް މުއިއްޒަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސްރީ ލަންކާގެ އިޤްތިޞާދީ ހީނަރުކަމާއި ބަނގުރޫޓުވުމަށްފަހު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި 55 އަހަރުގެ އަނޫރާ ވަނީ ވޯޓުގެ 55.89 އިންސައްތައަށްވުރެ ގިނައިން ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
މި އިންތިޚާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވީ ސިޔާސީ އާއިލާތަކުން ކުރިމަތިލެއްވި ބޭފުޅުންނެވެ. ނަމަވެސް، ކުރިން މަޤްބޫލުކަން ކުޑަ ލީޑަރެއްގެ ގޮތުގައި ހުންނެވި އަނޫރާއަށް މިފަހަރު ކުއްލި މަޤްބޫލުކަމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭނުގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި، ފަޤީރުންގެ ދުޅަހެޔޮކަން ރަނގަޅުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުތަކާ އެކުގައެވެ.









