އދ. ގައި ރާއްޖެ ފެންނަނީ ރާއްޖެއަށް މުހިންމު ކަންތައްތަކުގައި ލީޑަރޝިޕް ރޯލް އަދާކުރުމަށް ފަސްނުޖެހޭ ޤައުމެއްގެ ގޮތުގައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިފަދައިން ވިދާޅުވީ އެ ވުޒާރާގެ ޖޮއިންޓް ސެކްޓްރެޓްރީ މަރްޔަމް މިދުފާ ނައީމް ސަރުކާރުގެ މީޑިއާ ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
މިދުފާ ވިދާޅުވީ ރާއްޖެއަށް އދ.ގެ މެމްބަރުކަން ލިބުނީ ފަސޭހައިން ނޫންކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދުމަށް ކުރި ދަތުރުގައި ޤައުމުތަކުން ރާއްޖެއަށް އެ ޖަމްޢިއްޔާގެ ޒިންމާ އަދާކުރެވިދާނެ ކަމާމެދު ސުވާލު އުފެއްދިއެވެ.
"އޭރު ރާއްޖޭގެ މާލީ ފުދުންތެރިކަން ދަށްވުމުގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް 10 ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު," މިދުފާ ވިދާޅުވިއެވެ. "އެ ގޮންޖެހުންތައް ހުރުމާއެކު، އދ. ގައި ރާއްޖެއަކީ މުހިންމު ބައެއްކަން ދައްކަންޖެހޭނެކަމުގެ ރޫހު އާލާވެގެންދިޔައީ އެހިސާބުން."
މިދުފާ ވިދާޅުވި ގޮތުގައި އެހިސާބުން ރާއްޖެއިން އދ. ގެ ދައުރުފުޅާކޮށް، ރާއްޖެއިން ޤަބޫލުކުރާ ކަންތައްތަކުގެ އަޑުއުފުލަން ފެށިއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޚާއްޞަކޮށް ފާހަގަ ކުރެއްވިއެވެ.
އދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުނުތާ މިއަހަރަށް ވަނީ 59 އަހަރު ވެފައެވެ. މިދުފާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ވަނީ އދ.ގައި މުހިންމު އެތައްކަމަކަށް އަޑުއުފުލާފައެވެ. އޭގެ ތެރޭގައި 1988 ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން، ކުދި ޤައުމުތަކަށް އދ. އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި ޤަރާރު ހިމެނެއެވެ.
"ރާއްޖެއަކީ ރާއްޖޭގެ ސައިޒަށް ނުވަތަ ނިސްބަތަށް ބަލައިގެން މަސައްކަތްކުރާ ބައެއް ނޫން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ސައިޒަށްވުރެ މާބޮޑަށް މަސައްކަތް ކުރާ ބައެއް. އެކަހަލަ ގޮތަކަށް ރާއްޖޭގެ ދައުރު ފެނިގެންދަނީ އދ. ގެ ތެރޭގައި," މިދުފާ ވިދާޅުވިއެވެ.
މިދުފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ޑިޕްލޮމެޓިކް ދާއިރާގައި އުޅޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އދ. އަށް ހުށަހެޅި ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއެވެ. މިދުފާ ވިދާޅުވި ގޮތުގައި މިއީ ރާއްޖެއިން ބުނާ ބަސް އެހެން ޤައުމުތަކުން ބަލައިގަންނަ ކަމުގެ ހެއްކެކެވެ. މީގެއިތުރުން، ރާއްޖެއިން ހޯދާފައިވާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ތިން ފަހަރަށް ލިބުމާއި، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ލިބުން ހިމެނެއެވެ.
"ރާއްޖެއަކީ ސައިޒުން ކުޑަ ޤައުމެއް ނަމަވެސް، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބޮޑުމިނުން އެހެން ޤައުމުތަކަށްވުރެ މާ ބޮޑު ދައުރެއް އަދާކުރަމުން ގެންދާ ޤައުމެއް," މިދުފާ ވިދާޅުވިއެވެ.
މިދުފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން އދ. ގައި އަޑުއުފުލާ މައްސަލަތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޚާއްޞަ ސަމާލުކަމެއް ދެއެވެ. މިކަމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާ މައްސަލައެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަޑުއުފުލަމުން ގެންދަނީ ހަމައެކަނި ރާއްޖެއަށްޓަކައެއް ނޫން. މުޅި ދުނިޔެއަށްޓަކައި," މިދުފާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިދުފާ ވިދާޅުވީ ރާއްޖެއިން އދ. ގައި ދައްކަމުންދާ ލީޑަރޝިޕް ކުރިއަށް އޮތް ތަނުގައި ވެސް ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލުމަށް ޚާރިޖީ ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.









