ބައިނަލްއަޤްވާމީ އެއަރލައިންތަކުގައި ދިވެހި ކެއުންތައް ލިބޭން ހުންނާނެ ދުވަހެއް ދެކެން ބޭނުންވާކަމަށާއި އެކަމަކީ ނުވާނެކަމެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، މިއަދު ފެށުނު މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް 2024) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުން ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާސްގެ ފަސިންޖަރުންނަށް ފްލައިޓްތަކުގެ މެނޫ ހިއްސާކުރާއިރު ބައެއް ޤައުމުތައް ނުވަތަ ސަރަހައްދުތަކަށް ޚާއްސަ ކެއުންތައް ހިމެނޭކަމަށެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން މިހާ ކުރިއަރައި ދިޔަނަމަވެސް މިހާތަނަށް އެއަރލައިންތަކުގެ އެއްވެސް މެނޫއަކުން ދިވެހި ކެއުމެއް ނުފެންނަކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
"މިތަނުގައި (އެފްއެޗްއޭއެމް 2024 ގައި) އެކަމާއިމެދު ވިސްނުމަށް ވަރަށް ރަނގަޅު ތަޖުރިބާކާރުން އެބަތިބި. ކައިރި މުސްތަޤްބަލެއްގައި ތަޖުރިބާކާރުންގެ އުފެއްދުންތެރިކަމާއިއެކު އަދި އެފްއެެފްއެޗްއޭއެމްގެ އިސްނެންގެވުމާއިއެކު، މަޝްވަރާތަކާއިއެކު މިކަމުގެ ހިޔާލެއް އަދި މިކަން ކުރެވިދާނެ ގޮތެއް ގެނެވިދާނެ އެއަރލައިންތަކުގައި މެނޫ ތައްޔާރުކުރާ ޝެފުންނާއިއެކު." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި 120 ސްޓޯލްއެއް ވަނީ ބަހައްޓާފައެވެ. އަދި މި އިވެންޓްގެ ތެރެއިން ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައި 600 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވިވެފައެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނެއެވެ.
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް ކޮންމެ ދުވަހަކު ހެނދުނު 10 އަކުން އިރުއޮއްސި 7 އަކަށް ދަރުބާރުގޭގައެވެ. 25 ވަނަ ދުވަހު އިވެންޓް އާންމުންނަށް ހުޅުވާލާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.









