އިޓަލީގެ އޭއެސް ރޯމާގެ ކޯޗު ޑި ރޮސީ މަގާމުން ވަކި ކުރުމުން އެ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށް އޭއެސް ރޯމާގެ އައު ކޯޗު އިވާން ޖޫރިޗް ބުނެފިއެވެ.
ޑެނިއެލް ޑި ރޮސީ މަގާމުން ވަކިކުރުމުން އޭނާގެ ކުޅުންތެރިން މާޔޫސްވި ނަމަވެސް ރޭ އުޑިނޭޒީ އަތުން 3-0 އިން މޮޅުވެ ސީޒަނުގެ ފުރަތަމަ މޮޅާއެކު ސެރީއާގެ ޓީމު އޮތީ ހިތްހަމަޖެހިފައި ކަމަށް އޭނާ ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ރޯމާގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރި ޑި ރޮސީ ބުދަ ދުވަހު މަގާމުން ވަކިކުރީ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން އޭނާގެ ޓީމަށް މޮޅެއް ނުލިބުމުންނެވެ. އެހެންވެ އޭނާގެ ބަދަލުގައި ޓޮރީނޯގެ ކުރީގެ ކޯޗު ޖޫރިޗް ހަމަޖެއްސީއެވެ.
ރޯމާގެ ސީއީއޯ ލީނާ ސޫލޫކޯ ވެސް ވަނީ ހުކުރު ދުވަހު މަގާމުން ވަކިވެފައެވެ. އެއީ ޑި ރޮސީ މަގާމުން ވަކިކުރުމާ ގުޅިގެން ސަޕޯޓަރުންގެ ހަޅުތާލުގެ ސަބަބުންނެވެ.
"ކޯޗަކަށް ވުމުން އަހަންނަށް ފެނުނީ މިތަނުގެ ބައެއް ކުޅުންތެރިން ޑެނިއެލް ވަކިވުމުން އިންތިހާއަށް މާޔޫސްވިކަން،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖޫރިކް ބުންޏެވެ.
"އެމީހުން ވަރަށް ތެދުވެރިކަމާއެކު ބުނަމުން ދިޔައީ އޭނާ ވަޒީފާއިން ވަކިކުރުމުން ވަރަށް ދެރަވި ވާހަކަ. އެއީ އަހަރެން ވަރަށް ބޮޑަށް އަގުވަޒަންކުރި ކަމެއް، ސަބަބަކީ ބައެއް ފަހަރު ކުޅުންތެރިން އެފަދަ ޖަޒުބާތުތައް ފޮރުވާތީ."









