ސިއްޙަތާ ބެހޭ ވުޒާރާއިން ޤައުމީ ފެންވަރުގައި އެކުލަވާލަމުންދާ ޕޭޝަންޓް ސޭފްޓީ ކޮމިޓީގައި ބަލިމީހުންގެ އަޑު އިއްވޭނެ ގޮތް ހަދަން ނިންމައިފިއެވެ. މިކަން ހާމަކުރައްވައި ސިއްޙަތާ ބެހޭ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، މި ކޮމިޓީގައި ބަލިމީހުންނަށް ކުރިމަތިވާ އެކި މައްސަލަތައް ހިއްސާކޮށް، ބަލިމީހުންގެ ފަރާތުން ތަމްސީލުކުރާނެ ފަރާތްތަކެއް ބައިވެރިކުރުވުމަށް ނިންމާފައިވާ ކަމަށެވެ.
މި ކޮމިޓީއަކީ ބަލިމީހުންނަށް ދިމާވާ ކަންކަމާއި ގުޅޭގޮތުން އަދި އެފަދަ ކަންކަން ޙައްލުކުރުމަށް އަދި ބަލިމީހުންނަށް ސިއްޙީ ފަރުވާގެ ތެރެއިން ކުރިމަތިވެދާނެ ނުރައްކާތަކުން ދުރާލާ ރައްކާތެރިވުމަށް މަސައްކަތްކުރާނެ ކޮމިޓީއެކެވެ. ރާއްޖޭގައި ޓާރޝަރީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކޮލިޓީ އިމްޕްރޫވްމެންޓް ޑިޕާޓްމަންޓް ޤާއިމުކޮށް، ބަލިމީހުންނާ ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތް ކުރުމަށް ބަލިމީހާގެ މަޢުލޫމާތު ހޯދާ، އެކަން ކޮމިޓީގައި ހިއްސާކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އެކަމަށްޓަކައި ބަޔަކު ތަމްރީނުވެސް ކުރަންޖެހޭ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ މަސައްކަތްތައް ކުރަމުން އަންނައިރު މިއަހަރުގެ ތެރޭގައި ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖޭގެ ސިއްޙީ ނިޒާމަކީ، ސިއްޙީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ އަތުން ކަމެއް ގޯސްވެއްޖެނަމަ، އަމިއްލައަށް އިސްވެ އެކަމެއް ގޯސްވެއްޖެކަން ބުނަން ކެރޭފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ވެސް އެ ވުޒާރާއިން ފާހަގަ ކުރައްވައެވެ.
މި ކޮމިޓީ އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ބަލިމީހުންގެ ރައްކާތެރިކަން އިތުރުކޮށް، ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. ކޮމިޓީގައި ބަލިމީހުންގެ ބައިވެރިވުން ހިމެނުމަކީ އެމީހުންގެ ތަޖުރިބާތަކާއި ކަންބޮޑުވުންތައް ސީދާ ސިއްޙީ ދާއިރާގެ އިސް ފަރާތްތަކާ ހިއްސާ ކުރުމުގެ ފުރުޞަތެއް ކަމަށްވާތީ، މިކަމުން ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކުރާ ކަމަށާއި، ބަލިމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.









