ސިވިލް ސަރވިސް ކޮމިޝަނުން 29 ރަށެއްގެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަޤާމުތަކަށް މީހުން ހޯދަނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ 29 ރަށަކަށެވެ.
އެސްޖީން ހޯދާ ރަށްތަކުގެ ތެރޭގައި ހއ. ވ ވަށަފަރު އާއި މުރައިދޫ، ށ. ފޭދޫ، މަރޮށި އަދި ފީވަށް، ރ. ވާދޫ އާއި ރަސްމާދޫ، ބ. ފުޅަދޫ، ފެހެންދޫ އަދި ހިތާދޫ ހިމެނެއެވެ. މީގެ އިތުރުން ކ. ތުލުސްދޫ، އއ. މާޅޮސް، އދ. ދިއްދޫ، މަހިބަދޫ އަދި ހަންޏާމީދޫ ވެސް ހިމެނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި މަޤާމުތަކަށް ދެވޭ މުސާރަ ކަނޑައަޅާފައިވަނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާގެ މުއްދަތަށް ބަލައި ދެ ކެޓަގަރީއަކަށެވެ. ދަށް މުސާރައިގެ ކެޓަގަރީގައި އަސާސީ މުސާރައަކީ 8،835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،450 ރުފިޔާއެވެ. މަތީ މުސާރައިގެ ކެޓަގަރީގައި އަސާސީ މުސާރައަކީ 9،300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސަކީ 6،800 ރުފިޔާއެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކަމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް އޮތުމާއި، މަސައްކަތުގެ ތަޖުރިބާ ހިމެނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހެނީ 29 ސެޕްޓެމްބަރުގެ މެންދުރު 2:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް admin@csc.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދީފައިވެއެވެ.









