ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު، އާދީއްތަ ދުވަހު ވިލާ ނޯޓިކާގައި ބޭއްވުނު ސަޢޫދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ބާދުޝާހު އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢޫދަށާއި، ޢަހުދުވެރި ރަސްކަލުންނާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދެ ޤައުމުގެ އެކުވެރިކަން އިތުރަށް ވަރުގަދަވެފައިވެއެވެ. އަދި ޙައްޖު މޫސުމުގައި ދިވެހި ޙާޖީންނަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އެހީތެރިކަމަށާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ހިންގާ މަޝްރޫޢުތަކުގެ ކާމިޔާބީއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ ތާރީޚާއި ބެހޭ ވީޑިއޯ ޑޮކިއުމެންޓަރީއެއްވެސް ހުށަހެޅި ކަމަށް ރައީސް އޮފީހުން މަޢޫލޫމާތު ދެއްވިއެވެ.









