އދ. ގެ ޕްލެނަރީ އޮފް ސަމިޓް އޮފް ދަ ފިއުޗަރގައި މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ހިތްވަރާއެކު ގޮވާލައްވާފައެވެ. އަދި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބެންޖެހޭ ކަމަށާމަށާއި، އިންސާނިއްޔަތުކަމެއް ނެތް ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހިތްވަރު ހުންނަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި ރައީސް މުއިއްޒަކީ އަބަދުވެސް ހަރުއަޑުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ގޮވާލައްވާފައި ވެއެވެ.
މި ސަރުކާރުން ވަނީ އިސްރާއީލު ޕާސްޕޯޓް ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމުގެ މަސައްކަތްވެސް ފަށާފައެވެ. މިގޮތުން، ޖޫން 9 ވަނަ ދުވަހު ސަރުކާރުން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުއިއްޒު ވަނީ އަންގަވާފައެވެ.
މިހާރު މި މައްސަލަ އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ. ސަރުކާރުން އެންމެ ފަހުން ހިއްސާކުރެއްވި މަޢުލޫމާތަށް ބަލާއިރު، އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއަށް ފަހު ވަރަށް ބާރަށް ކުރިއަށްދާނެއެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 41,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.









