ބިދޭސީންނާ ގުޅޭ ފީފީތަކާއި ޖޫރިމަނާ ނުދައްކާ 7،501 ފަރާތަކަާތަކަށް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ، މި ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވަނީ ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާތީ ކަމަށެވެ. އެހެންނަމަވެސް، ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެ ކަމަށްވެސް މަޖީދު ފާހަގަކުރެއްވިއެވެ.
ވުޒާރާއިން ކުރިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ، އެފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުޞަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދީފައިވެއެވެ.
މަޖީދު އިތުރަށް ވިދާޅުވީ، މިހާތަނަށް އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން 3،692 ފަރާތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ބިދޭސީންގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 253 މިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ވޯކް ޕާރމިޓް ފީގެ ގޮތުގައި 187 މިލިޔަން ރުފިޔާ، ކޯޓާ ފީގެ ގޮތުގައި 63 މިލިޔަން ރުފިޔާ، އަދި ކެންސަލޭޝަން ފީގެ ގޮތުގައި 2.7 މިލިޔަން ރުފިޔާއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.









