ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށުމާއި ގުޅިގެން، މި ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ހިމެނޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.
ކަސްޓަމުން ބުނީ، މި އިސްލާހުތަކާ އެއްގޮތަށް، ބަންކަރިންގ ޚިދުމަތް ދެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މި ހުއްދަ ހޯދުމަށް ރަޖިސްޓްރޭޝަން ފީއަކާއި މަހު ފީއެއް ދައްކަންޖެހޭނެއެވެ. އަދި މި ޚިދުމަތް ދެވޭނީ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި، ކަސްޓަމްސްގެ ބެލުމުގެ ދަށުންނެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ބަންކަރިންގ ޚިދުމަތަށް އިމްޕޯޓްކުރާ ތެޔޮ 90 ދުވަހަށް ޑިއުޓީ ނުދައްކާ ބެހެއްޓޭނެއެވެ. ނަމަވެސް، މި ޚިދުމަތް ހޯދާ އުޅަނދުފަހަރު 48 ގަޑިއިރުގެ ތެރޭގައި ފުރަންވާނެއެވެ. އެ މުއްދަތަށްވުރެ އިތުރުވާނަމަ ޑިއުޓީ ދައްކަންޖެހޭނެއެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެންމެ މަތީ އަދަދެއްގެ ގޮތުގައި 200,000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބަންކަރިންގ ޚިދުމަތަކީ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. މި ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. މީގެ އިތުރުން، އެމްޕީއެލްއިން އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށް، ޕައިލޮޓޭޖް، ޑޮކިންގ، ކުރޫ ބަދަލުކުރުން ފަދަ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
މި ޚިދުމަތްތައް ތަޢާރަފުކުރުމާއެކު، ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ލިބޭނެ އައު ދޮރެއް ހުޅުވިގެންދާ ދިޔުމާއި އެކު ކަނޑުމަގުން އަންނަ އުޅަނދުފަހަރަށް ކްލިއަރެންސް ދެވޭނެ ބަނދަރުތަކާއި ސަރަހައްދުތައްވެސް ވަނީ ކަނޑައަޅާފައެވެ.









