ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި ކާޑެއްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުއްދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ، އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލަމުންވެސް މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މިގޮތުން ހޮސްޕިޓަލް މިހާރު ހުރި ތަނުގައި އާ އިމާރާތެއް އަޅައިގެން ޓާޝަރީ ފެންވަރަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ހެލްތު މިނިސްޓަރު އަންގަވާފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.