ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ގައި ފަށައިފިއެވެ. މިއީ އެ ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ، އާންމުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމާ ގުޅިގެން ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށްފަހު ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބެވެ.
މި އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރާއިރު، 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.
މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އިދިކޮޅު ލީޑަރު ސާޖިތު ޕްރޭމަދާސާގެ އިތުރުން، ވާތު ފިޔައިގެ ވިސްނުން ގެންގުޅުއްވާ އަނޫރާ ކުމާރާ ޑިސެނަޔަކަ އަދި ނަމަލް ރާޖަޕަކްސަ ވެސް މި އިންތިޚާބުގައި ވާދަކުރައްވައެވެ. ހުރިހާ ކެންޑިޑޭޓުންގެ މައިގަނޑު އެޖެންޑާއަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމެވެ.
އިންތިޚާބުގެ ކަންކަން ހިންގުމަށް 200,000 އަށްވުރެ ގިނަ އޮފިޝަލުން ޙަރަކާތްތެރިވާއިރު، 63,000 ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަމުންދެއެވެ. ވޯޓުފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާންކުރާނީ އާދީއްތަ ދުވަހުއެވެ.









