ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ތަކެއްޗަކީ މި މަހުގެ 16 އަދި 18 ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެއްޗެވެ.
ކަސްޓަމުން އެ އެއްޗެހި ޓެސްޓް ކުރުމުގެ ފުރަތަމަ މަރުހަލާގައި 4 ބާވަތެއްގެ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހެރޮއިން / ސިންތެޓިކް ކެތިނޯން / ކެނަބިސް / އެކްސްޓަސީ ހިމެނޭ ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ.
މި މަހުގެ 16 ވަނަ ދުވަހު އަތުލާފައިވަނީ 3.48ގ ހެރޮއިން އެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 582 ގްރާމްގެ ސިންތެތިކް ކެތިނޯން، 2.870 ކިލޯ އެކްސްޓަސީ އަދި 5.210 ކިލޯ ކެނަބިސް ހިމެނެއެވެ. ސިންތެތިކް ކެތިނޯން ގެނެސްފައިވަނީ ޕޯސްޓު މެދުވެރިކޮށް ކަމަށާއި، އަދި ކެނަބިސް އާއި އެކްސްޓަސީ ގެނެސްފައިވަނީ އެއާ ކާގޯ ގެ ޒަރީޔާއިން ކަމަށް ކަސްޓަމުން މައުލޫމާތުދީފައި ވެއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103 އިން ދަތުރުކުރި 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައިވާ ތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައި ކަމަށްކަސްޓަމްސްއިން ބުނެއެވެ.










