ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގުޅިގެން މަސައްކަތް ކުރުންކަމަށާއި އެމަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ.ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެން މީޑިއާ ވަހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް ގެނައުންކަމަށެވެ. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖީލީހުގެ ޑިބޭޓެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުންވެސް ކަމާގުޅުންހުރި ބައްދަލުވުންތަކުގައި މަޢުލޫމާތު ޙިއްސާކުރައްވާނެކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާ، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ޙާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރާއްޖެއިން މުހިންމު 14 ބައްދަލުވުމެއްގައި ބައިވެރިވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ މުހިންމު މައްސަލަތަކާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ފުރުޞަތުތަކެއް ހުޅުވިޅުވިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ އދ.ގެ މަންޗަށް ރާއްޖޭގެ އަޑު އިއްވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުން ރާއްޖެއަށް ލިބޭނެ ނަތީޖާތަކަށް ގިނަ ފަރާތްތަކުން ބަލަމުންދާކަން ފާހަގަކުރެވެއެވެ.









