ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް-ޑާކާ) ގައި ބައިވެރިވެއްޖެއެވެ.
މިއީ އެމްއެމްޕީއާރުސީ އިން މި ފެއާގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެމްއެމްޕީއާރުސީ އިން މި ފެއާގައި ބައިވެރިވެފައިވަނީ ނޭޝަނަލް ހޮޓެލިއަރސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާ ގުޅިގެންނެވެ. މި ފެއާގައި ރާއްޖޭގެ 23 ކުންފުންޏަކުން 37 މަންދޫބުން ބައިވެރިވިއެވެ.
އޭޓީއެފް-ޑާކާ އަކީ ބަންގްލަދޭޝްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމު ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ. މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިންނަށް ލިބޭނެ ތަޖުރިބާތައް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައެވެ. މި ފެއާ އަކީ ބީޓޫބީ އަދި ބީޓޫސީ އަށް އަމާޒުކޮށްގެން ބޭއްވޭ ފެއާއެކެވެ. އަދި މި ފެއާގައި ރާއްޖޭގެ ހުށަހެޅުންތަކާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދީފައެވެ.

އޭޓީއެފް-ޑާކާ ގައި ރާއްޖެ އިޝްތިހާރުކުރަނީ / ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި އޭޓީއެފް-ޑާކާ އަކީ އޭޝިއާގެ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން އަންނަ އާ މާކެޓްތައް ހޯދައި އެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
"ބަންގުލަދޭޝްއަކީ އޭޝިއާގެ ވަރަށް އުއްމީދީ މާކެޓެއް. މި ފެއާއަކީ އޭޝިއާގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއް." ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއިން މި ފެއާގައި ބައިވެރިވެފައިވަނީ އިންޑިއާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް ފަދަ އޭޝިއާގެ މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް، އެ ޤައުމުތަކުގެ މީހުންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ބަންގްލަދޭޝްއިން 18،843 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޤައުމުތަކުގެ ތެރެއިން 14 ވަނަ ޤައުމެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 38% ގެ ކުރިއެރުމެކެވެ.
"ރާއްޖޭގެ ތަފާތުކަމާއި ގުދުރަތީ ރީތިކަމާއި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީއެއް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ އެ މީހުންނާ އެކަށޭނަ އެ މީހުން އެދޭފަދަ ޗުއްޓީއެއް ހޭދަކުރެވޭނެ މަންޒިލެއްކަން އަޅުގަނޑުމެންނަށް ބުނެދެވިއްޖެ." ޝިއުރީ އިތުރަށް ވިދާޅުވިއެވެ.
މި ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ވަނީ ދީފައެވެ. އަދި ރަދި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ރާއްޖޭގައި ކުރެވޭނެ ތަފާތު ޙަރަކާތްތަކާ ބެހޭ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
އެމްއެމްޕީއާރުސީއިން ބުނި ގޮތުގައި، މި ފެއާގައި ބައިވެރިވުމުގެ ސަބަބުން ބަންގްލަދޭޝްގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާ ގުޅުން ބަދަހިކުރުމަށް މުހިންމު ފުރުޞަތުތަކެއް ލިބިގެންދިޔައެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
މި ފެއާގައި ރާއްޖެ ތަމްސީލުކުރުމަކީ، އޭޝިއާގެ މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީއިން ދެކެއެވެ. އަދި މިފަދަ ފެއާތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.









