ރާއްޖޭގެ ހުރިހާ އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައިޑީ ކާޑާއި ޕާސްޕޯޓް ހެދުން ފަދަ، މާލޭގައި ދެމުންދާ ބައެއް ޚިދުމަތްތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ގެންދަވަނީ ފުއްދަވަމުން ކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މާލެ ފިިޔަވައި އެހެން ރަށަކުން ޕްރިންޓު ކުރެވޭ ގޮތަށް ހެދިއިރު، އެ ރަށަކީ ގއ. ވިލިނގިލި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވިލިނގިލީގައި މި ޚިދުމަތް ފެށުމަކީ ރައީސްގެ ވަޢުދު ފުއްދަވަމުން ގެންދަވާކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
"މަރުކަޒު ކުރެވިފައިވާ މިފަދަ ޚިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރި ކުރެވޭނެ ކަމުގެ ހެއްކެއް." ވަޒީރު ވިދާޅުވިއެވެ.
މީގެކުރިން އައިޑީކާޑު ޕްރިންޓުކުރުމުގެ މަސައްކަތް ހަމައެކަނި ކުރަމުން އައީ ވެލާނާ ބިލްޑިންގައި ހިންގަމުންދާ ޑީއެންއާރުގައެވެ. ނަމަވެސް 2022 ވަނަ އަހަރު ތަޢާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެންވެސް ކާޑު އަތަށް ލިބޭ ގޮތް ވަނީ ހަމަޖެހިފައެވެ.
މި އައު ނިޒާމުގެ ދަށުން، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، މިއީ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.









