ސަރުކާރުން ރާއްޖޭގައި މުޅިން އަލަށް ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތެއް ފެށުމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ލީޑަޝިޕަށް ނައިބުރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފް ތައުރީފު ކުރައްވައިފިއެވެ.
މި މުނާސަބަތު ފާހަގަ ކުރައްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނައިބު ރައީސް ލިޔުއްވިއެވެ. "ރައީސުލްޖުމްހޫރިއްޔާ ގެ ދުރު ވިސްނުންފުޅާއި ތަޞައްވުރުގެ ދަށުން ދިވެހި އިޤްތިޞާދު ހަރުދަނާ ކުރުމަށް ޓަކައި ދިވެހިރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ ތަޙުނިޔާ ޢިއްޒަތްތެރި ރައީސަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން."

ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ހިންގާނީ އެސްޓީއޯއިން ކަމަށްވާއިރު، އެސްޓީއޯއިން ވަނީ ޖުމްލަ 4،000 ޓަނުގެ ކެޕޭސިޓީގެ ދެ އުޅަނދެއް ރާއްޖެ ގެނެސްފައެވެ. މި ބޯޓުތަކަކީ ފްލޯޓިން ބަންކަރިންގެ ގޮތުގައި ހިދުމަތްކޮށް، މެރިޓައިމް އަދި ޝިޕިން ދާއިރާ ވަރުގަދަ ކުރުމަށް އަމާޒުކޮށްގެން ހިދުމަތްތައް ފޯރުކޮށްދޭ ބޯޓުތަކެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މިހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ވަނީ މެރިޓައިމް ބަންކަރިންގެ އިތުރު ހިދުމަތްތަކަށް މަގުފަހިކޮށްދީ، ސަރަހައްދުގެ ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނޯދަން މެރިޓައިމް ސާވިސަސް އުފައްދާފަ އެވެ.
މި ތަރައްޤީއަކީ ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރުވެރި ސިޔާސަތެވެ. ރާއްޖޭގެ ސަރަޙައްދީ ނުފޫޒާއި އިޤްތިޞާދީ ފިޔަވަޅު އިތުރުކުރުމަށް އެޅި ބޮޑު ފިޔަވަޅެކެވެ.









