ޕާޓީއާއި ޤައުމު ހިންގުމުގައި ތަޖުރިބާތައް ހިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމަންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ލިއު ޖިއަންޗޯއާ މިހެން ވިދާޅުވީ ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރަމުންގެންދާ ދަތުރުގައި، ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިނިސްޓަރ ލިއު ޖިއަންޗޯ ފާހަގަކުރެއްވި ގޮތުގައި މި އަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދިހަ އަހަރު ފުރޭ އަހަރެވެ. އަދި މި އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަންވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެންސީ
މިނިސްޓަރ ލިއު ޖިއަންޗޯއާ ވިދާޅުވީ ކޮންގްރެސް ޕާޓީ ހިމެނޭހެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ސީޕީސީން ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އަދި ޕާޓީއާއި ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ކޮންގްރެސް ޕާޓީއާ ހިއްސާކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އަމީނު މި ބައްދަލުވުމުގައި ވާހަކަ ދައްކަވްމުން ވިދާޅުވީ ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސީޕީސީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ވަފުދުގެ އިސްވެރިންނާއި، ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ ނައިބު ވަޒީރު ސުން ހައިޔަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.









