ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށާއި އަދި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ.
އެގޮތުން އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުން، ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުން، ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުން ފަދަ ޢަމަލުތަކަކީ މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދޭނެ ފަދަ ޢަމަލުތައް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މިކަމުގައި އެންމެ އިސްކަން ދޭން ޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށެވެ.
ޚުތުބާގައި ބުނީ މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން މާތްﷲގެ އަރިހުގައި ބޮޑުވެގެންވާކަމަށެވެ. "ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވާށެވެ! އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެއެވެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެއެވެ." ޚުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ. ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެތެވެ."
މީގެ އިތުރުން ޚުތުބާގައި ބުނީ މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެއް ކަމަށެވެ. އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެއް ކަމަށާއި މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އެކަލޭގެފާނު މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށްޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.









