އިންޑިއާއާ ސަރުކާރުން ދިވެހިރާއްޖެއަށް އިތުރު މާލީ އެހީތެރިކަމެއް ފޯރުކޮށްދީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ލަސްކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މި 50 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބިލުގެ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި 13 ގައި ރޯލްއޯވާކޮށްފައެވެ. މި ނިންމުން އައިސްފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިއަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހި ފޮރިން މިނިސްޓަރު ޒަމީރު ވަނީ މިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މި އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ދިވެހި ސަރުކާރުން މި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް މުހިންމު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާމެދު ޒަމާނުއްސުރެ ދެމުން އަންނަ އަހަންމިއްޔަތުކަން އަލުން ދައްކުވައިދޭ ކަމެއްކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.
އިންޑިއާއިން މި ލުއި ރާއްޖެއަށް ދިން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ދިމާވާ ވަގުތެއްކަން ފާހަގަ ކޮށްލެވެއެވެ.









