މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގައި ހިމެނޭ އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފަށައިފިއެވެ.
ދިވެހިރާއްޖޭގައި މުޅިން އާ ސިނާއަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފައްޓަވައިދެއްވީ ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ސަރުކާރުގެ އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ކުންފުނީގެ ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވަނީ އަދުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ޑައިވާސިފައިކުރަން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް ވަރަށް ޚާއްސަ ޝުކުރެއް އެސްޓީއޯގެ ފަރާތުން އަދާކުރައްވާފައެވެ. އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ދެމުން އަންނަ ޚާއްސަ އިރުޝާދާއި އެހީތެރިކަންވެސް ޝުކުރުވެރިކަމާއެކު ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ އިޤްތިސާދީ މުހިންމު ކަންކަމުގައި އެސްޓީއޯއަށް ފޯރުކޮށްދެވޭނެ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނޭ ކަމުގެ ޔަޤީންކަން ޝިމާދު ވަނީ އަރުއްވާފައެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވާހަކަދައްކަވަނީ. ފޮޓޯ: ޚުލާސާ
އެސްޓީއޯއިން ބުނީ ރާއްޖެއިން ބަންކަރިންގެ ޚިދުމަތް ދިނުމަށް ޒަމާނުއްސުރެ ދެކެމުން އައި ހުވަފެން މިއަދު ހަޤީޤަތަކަށް ވެގެން މިދަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާއި އެސްޓީއޯ ގުޅިގެން މިއަދު މި ފެށުނު ބަންކަރިންގެ ޚިދުމަތުން ކަމަށެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެންނެވެ. އަދި ބަންކަރިންގ ޚިިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންގ މިއަދު ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. އެެއީ 3258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3929 ޓަނުގެ އެމްޓީ މެރިން ބެލާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރު ކަމަށެވެ. އަދި މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓު ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ ރާއްޖެއަށް އާ ސިނާއަތެއް ތައާރަފްކުރުމުގެ ތާރީޚީ މަސައްކަތް މިއަދު ހަޤީޤަތަކަށްވީއިރު މިއީ ކުންފުނީގެ ތަޖުރިބާވެސް ހުރި ދާއިރާއެއްކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ފާހަގަކުރިއެވެ. އަދި އެކަމަށް ޤާބިލް ތަޖުރިބާ ލިބިފައިވާ ދިވެހި މުވައްޒަފުންގެ ޓީމެއް އެ ކުންފުނީގައި މަސައްކަތް ކުރާ ކަމަށާއި، އެ ކުންފުނިން ބަންކަރިންގ ޚިދުމަތުގެ ވިޔަފާރީގެ ތެރެއަށް މި ވަންނަނީ އެ ތަޖުރިބާއާއެކު، މިއީ ކާމިޔާބު ސިނާއަތަކަށް ވާނެކަމުގެ އުންމީދާ އެކު ކަމަށް އެސްޓީއޯއިން ބުންޏެވެ.

އިވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުން. ފޮޓޯ: ޚުލާސާ
މި ޚިދުމަތް ދިނުމުގައި އެސްޓީއޯއާއެކު ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ޚިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ޚިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ޚިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ޚިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓެއް ހޯދޭނޭކަމުގެ ޔަޤީންކަން އެސްޓީއޯއަށް އެބަ އޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.
އިހަވަންދިއްޕޮޅުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިންގ ޚިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އައި ޝިޕް ސްޓޯސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ ކުރުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ބަންކަރިންގެ ޚިދުމަތް ރާއްޖެއިން ފަށާފައި މިވަނީ ބައިނަލްއަޤުވާމީ މެރިޓައިމް އިދާރާތަކުން ޤަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުއެވެ. މީގެ އިތުރުން ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީޤުކޮށް، އެ މުއާހަދާއަށް ޢަމަލުކުރަމުން އަންނަ ގައުމެއްގެ އިތުރުން މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ފުރިހަމަކޮށްފައިވާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.









