މިއަހަރުގެ ތެރޭގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމަކީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، މިހާރު މަތީ ތަޢުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ފައިސާ ހަމަޖެހުން ލަސްވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދިޔަ ނަމަވެސް، ލޯނު ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
އެގޮތުން އަހަރުގެ މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކި ސެކްޝަންތަކުންވެސް މުވައްޒަފުން ބޭނުންކޮށްގެން މިދަނީ ލޯނު ދޫކުރުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އިލްތިމާސް އަކީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް، ފައިސާ ޕްރޮސަސްކުރުމަށް ވަގުތު ދީފައި ހުށައަޅާށޭ. އޭރުން ގިނަ ދަރިވަރުންތަކަކަށް ލޯނު ހަމަޖައްސާއިރު ފަސޭހަވާނީ." ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަން ވިދާޅުވީ، ކޮންމެ ކުއްޖަކަށްވެސް ކިޔެވުމަށް ލޯނު ލިބޭކަން އެންގުމަށްފަހު ކިޔަވަން ފަށަން 18 މަސް ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. އަދި ބައެއް ދަރިވަރުން ވަގުތު ކުޑަތަންވުމުން ލިޔެ ކިޔުން ހުށައަޅާ ކަމަށާއި، މިގޮތަށް ޢަމަލުކުރުމުން ގިނަ ދަރިވަރުންތަކަކަށް ފައިސާ ދޫކުރާއިރު ދަތިތަކާ ކުރިމަތިލާންޖެހޭކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިމަހުގެ ތެރޭގައި އަލަށް ކިޔަވަން 214 ކުދިން ފުރާނެ ކަމަށާއި، އޭގެތެރެއިން ފައިސާ ދޫކުރެވިފައިވަނީ 74 ކުއްޖަކަށް ކަމަށް ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.









