އައިޔޫއެމް އިން މި އަހަރަށް ދެ ޕީއެޗްޑީ ކޯހެއް ޢިއުލާނުކޮށްފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން މި އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ދެ ޕީއެޗްޑީ ކޯހެއް ޢިއުލާނުކޮށްފިއެެވެ.
އައިޔޫއެމް އިން ކުރި ޢިއުލާނެއްގައި ވަނީ މި އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތަކާއި އެ ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުގެ ތަފްޞީލު ހާމަކޮށްފައެވެ. އެގޮތުން އައިޔޫއެމް އިން މި އަހަރަށް ޢިއުލާނުކޮށްފައިވާ ދެ ޕީއެޗްޑީ ކޯހަކީ:
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން ފިޤްހު އެންޑް އުސޫލުލް ފިޤްހު
- ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ
އައިޔޫއެމް އިން ބުނީ މި ދެ ކޯސްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ބަހުން ކަމަށާއި މިއީ ހަ ސެމިސްޓަރގެ މައްޗަށް އެކުލެވޭ ތިން އަހަރުގެ ދެ ކޯސް ކަމަށެވެ. އަދި މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް 10ގެ ކޯސްތަކެއް ކަމަށް އައިޔޫއެމް އިން ބުންޏެވެ.
މި ކޯހަށް ބޭނުންވާ ތަޢޫލީމީ މިންގަނޑުގެ ތެރޭގައި ހިމެނެނީ:
- އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ނުވައެއްގެ ސެޓްފިކެޓެއް، ޝަރީޢާ/ ޝަރީޢާ އެންޑް ލޯ/ އިސްލާމިކް ސްޓަޑީޒް/ ޖުޑީޝަލް ސައިންސަސް/ ފިޤުހު/ އުސޫލުލް ފިޤުހު/ އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން.
- ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން ނުވަތަ އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ހަތަރެއްގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން ނުވަަތަ އައިޔޫއެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.
- މި ޝަރުތުތައް ފުރިހަމަވުމާ އެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރު، އައިޔޫއެމްއިން ދީފައިވާ ނަމޫނާގައިވާ ގޮތަށް ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަވިއުއަކުން ފާސްވުން.
އައިޔޫއެމް އިން ބުނީ ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ ޢަރަބީ ބަހުން ކިޔަވާފައިވާ ސަނަދުތަކެއް ނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެ ކަމަށެވެ.
މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި މި މަހުގެ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން އައިޔޫއެމްގެ ރިސެޕްޝަނަށް ހުށަހެޅުމަށް އައިޔޫއެމް އިން ވަނީ އެދިފައެވެ. އަދި އޮންލައިންކޮށް ނަމަ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް admissions.ium.edu.mv މެދުވެރިކޮށް ފޯމު ހުށަހެޅުމާއި އީމެއިލް ކުރާނަމަ [email protected] އަށް މެއިލްކުރެވޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.