މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް މި ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ވަޖީހު މިހެން ވިދާޅުވީ ހއ. އުލިގަމުގައި "އުތުރު އައިއެސްޕީއެސް ގޭޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުލިގަމު ސަރަހައްދަށް ބޭރުގެ ފަރާތްތަކުތަކުން ޒަމާނުއްސުރެ ވެސް ޝައުގުވެރިކަން އޮންނަ ކަމަށާއި، އަހަރެއްގެ ތެރޭގައި އެތައް ސަތޭކަ ޔޮޓެއް އުލިގަން ސަރަހައްދުގައި އެންކާ ކުރާ ކަމަށެވެ. އަދި މިކަމަށް މިހާތަނަށް އެއްވެސް ފަރާތަކުން އަޅައެއް ނުލާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
"މި ފެށޭ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އިހަވަންދިއްޕޮޅުގައި މެރިޓައިމް ދާއިރާގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނަން. އުލިގަމުގައި ހިންގާނަން މުހިއްމު ތިން ޕްރޮޖެކްޓެއް. އެއް ކަމަކީ މި ދެންނެވި ޔޮޓުތަކަށް ހާއްސަ މެރީނާއެއް މިތަނުގައި ހަދާނަން،" ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ އިން ބޭރުން އަންނަ ޕެސެންޖަރު ލައިންތަކަށް ޚިދުމަތް ދޭނެ ތަނެއް ގާއިމް ކުރާނެ ކަމަށާއި، މެދުރާއްޖެތެރެ އާއި ދެކުނުގައި ވެސް ޕެސެންޖާ ލައިނަރުތަކަށް ޚިދުމަތް ދޭނެ ތަނެއް ހަދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގެ އުތުރުގައި މި މަސައްކަތްތައް ކުރި ނަމަވެސް މަސައްކަތް ހަވާލު ކުރާނީ އެ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކާ ކަމަށެވެ. އަދި ކުރިމަގުގައި އެމްޕީއެލް އިން މެރިޓައިމްގެ އެހެން މަސައްކަތްތަކަށް ވަދެ، ކުންފުންޏަށް ފައިދާ ހޯދައި، ވިޔަފާރިވެރިން އަތުން ނަގާ ފީތައް ކުޑަކޮށް، މުދަލުގެ އަގު ކުޑަވާނެ ގޮތަކަށް ކަންކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވިގޮތުގައި، މެރިޓައިމް ދާއިރާގެ އެކި ޚިދުމަތްތައް ހއ. އިން އައްޑުއާ ހަމައަށް ފުޅާ ކުރާނެ އެވެ. މިހާރު ވެސް ގްރީކްގެ 17 ބޯޓު ދުއްވަމުން އަންނަ ކުންފުންޏަކުން ފެން ބޭނުންވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބޯޓުތަކަށް އެހީތެރިކަން ދީ، އެ ޚިދުމަތްތައް ފުޅާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުލިގަމުގައި ރޭ ހުޅުވި "އުތުރު އައިއެސްޕީއެސް ގޭޓް" އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ޚާއްސަ ޖާގަތައް ވަނީ ކަނޑައަޅައިފައެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރެވޭނެ ޖާގައެއް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ވަޖީހާއި އުލިގަމު ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމް އާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ އުތުރުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.
އެމްޕީއެލްގެ މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް ވެސް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.









