ލީޑަރޝިޕާއި ސިޔާސީ ސްޓްރެޓެޖީގެ ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މިއަދު ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 2021 ވަނަ އަހަރުގެ މާލޭގެ މޭޔަރު އިންތިޚާބުގައި ހޯއްދެވި ހައިރާންކުރަނިވި ކާމިޔާބީން ފެށުނު ކަންތައް ވަނީ ޖެހިޖެހިގެން ހޯދި ކާމިޔާބީތަކަކަށް ބަދަލުވެ، ދިވެހީންގެ ސިޔާސީ އެންމެ ނުފޫޒުގަދަ ބޭފުޅާގެ ގޮތުގައި ބިންވަޅު ނެގިފައެވެ.

ހައުސިން މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު ، ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމުގެ މަޤާމަށް ކުރިމަތިލައްވައި އެމްޑީޕީ ބަލިކުރެއްވިއެވެ. މިއީ 11 އަހަރު ވަންދެން މާލޭގެ މޭޔަރުކަމުގެ ގޮނޑި ކޮންޓުރޯލް ކުރަމުންދިޔަ އެމްޑީޕީގެ އަށް މޭޔަރު ކަމުގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.
ޑރ. މުއިއްޒު އެންމެ ފުރަތަމަ ތާރީހެއް ހަދައިދިނީ މާލޭގެ ވެރިކަން ހިންގުމުގެ މައްޗަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 11 އަހަރުގެ ބާރު މުގުރާލައި، ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުވި މޭޔަރުގެ މަގާމުންނެވެ. ލާމަރުކަޒީ ނިޒާމާއި މާލޭގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ދެއްވި ފޯކަސްގެ ސަބަބުން ގިނަ ބައެއްގެ އިތުބާރު އެމަނިކުފާނަށް ލިބި، ރައީސް ކަމަށް އައުމަށް މަގު ފަހިވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މުއިއްޒުގެ ދެވަނަ ބޮޑު ސިޔާސީ އިމްތިހާނެވެ. އެ އިމްތިޙާނުގެ ފުރަތަމަ ބުރުގައި %46.06 ވޯޓު ހޯއްދެވުމަށްފަހު މުއިއްޒު ދެވަނަ ބުރުން ކާމިޔާބު ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި %54.04 އާއެކުގައެވެ. 129،159 ވޯޓެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %45.96 އެވެ.


ރައީސްކަމުގެ ހުވާ ލައިދެއްވަނީ - ސިޔާސީ ޙަޔާތުގައި ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދެވުމަށް އެދި ޑރ. މުޢިއްޒު ވަޑައިގަތީ ދެފަހަރުއެވެ. ފުރަތަމައީ މާލޭގެ މޭޔަރު ކަމުގެ އިންތިޚާބެވެ. އެފަހަރު ކާމިޔާބު ކުރެއްވިއެވެ. ދެވަނައީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށެވެ. ރައްޔިތުން ބޭނުންވީ ޑރ.މުޙައްމަދު މުޢިއްޒުއަށް ރައީސްކަން ދެއްވާށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސިޔާސީ ރޭހުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ކާމިޔާބު ހޯއްދެވި ރައީސެވެ.
ގައުމީ އިސްތިގުލާލާއި، އިންފްރާސްޓްރަކްޗަރާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕީއެންސީ ކެމްޕޭން މުޅި ޤައުމުގައި ގުގުމާލީ މުއިއްޒުގެ ތެދުވެރިކަމާއި ހިންގުމުގެ ކުޅަދާނަކަމުގެ ސަބަބުންނެވެ.
ދެން ކުރިމަތި ކުރުވީ އަނެއްކާވެސް ބޮޑު އިމްިޙާނަކާއެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފައި ރައީސް މުޢީއްޒުގެ މައްޗަށް ނޯކޮންފިޑެންސް ވޯޓެއް ނަގައި ވެރިކަން ވައްޓާލަން މަސައްކަތް ކުރިއެވެ. ﷲގެ ތަޤްދީރު ނިޔާކުރީ އަނިޔާވެރިންގެ މައްޗަށް މުޢިއްޒު ގަދަ ކުރެއްވުމެވެ. އިދިކޮޅުގެ ބާރުގަދަ މެމްބަރުންގެ ފައުޖެއް ރައީސް މުޢިއްޒުއާއި ބައިޢަތު ހިއްޕަވައި އަނިޔާވެރިންގެ ސިޔާސީ އަނިޔާއިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަލާމަތްވެ ވަޑައިގަތެވެ.
ދެން ޖެހުނީ މަޖިލިސް އިިންތިޚާބާއެވެ. އެ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު 66 ގޮނޑި ހޯއްދަވައި، އެމްޑީޕީއަށް ލިބުނު އެންމެ 12 ގޮނޑިން ސިޔާސީ މަސްރަޙް ދިރާސާކުރާ މީހުންނަށް ސިހުމެއް ގެނެސްދިނީ އާދަޔާ ހިލާފު ނަތީޖާއަކުންނެވެ. އޭގެ ފަހުން ލޯކަލް ކައުންސިލް އިންތިހާބުތައް ކުރިއަށް ދިޔައިރު، އަނެއްކާވެސް ޑރ.މުޢިއްޒުގެ ޕީއެންސީ ކާމިޔާބުކަމާއެކު ނިކުމެ، މުޅި ގައުމުގައި މުހިއްމު މަގާމުތައް ހޯދައިފި އެވެ.
ސިޔާސީ ބާރުވެރިކަން އިތުރަށް ވަރުގަދަކޮށް، ޕީއެންސީން ދާދިފަހުން ބޭއްވި ބައި އިލެކްޝަންތަކުގައި 6 ގޮނޑިވެސް ކާމިޔާބުކޮށް، މުއިއްޒުގެ ނުފޫޒު އޮތްކަން ސާބިތުކޮށްދިނެވެ. އޭގެފަހުން މިހަފްތާގައި ނިންމާލި ބައި-އިލެކްޝަންގައި ވެސް އެމްޑީޕީގެ ކުރީގެ ކިއްލާއެއް މި ސަރުކާރުން ފަތަޙަ ކޮށްލީ ރައީސް މުޢިއްޒުގެ ސިޔާސީ ޚިދުމަތްތެރިކަމާއި ހުޝިޔާރު ކަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާއެކު - ރައްޔިތުންނަށް ޑރ.މުޢިއްޒު ކަމުދަނީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުން. އަނެކާއަށް އިޙްތިރާމް ކުރުމުގެ ރީތި ސިފަ ގެންގުޅުއްވާތީ.
ފެނިގެން މިދިޔައީ ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތުގައި ދިމާވި ކޮންމެ ކަމެއްގެ މައްޗަށް ކާމިޔާބު ހޯއްދަވަމުންދިޔަ މަންޒަރެވެ. މިއަދު، 19 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހު، އާދެ! އިބްރާހީމް ނާޞިރުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް ރާއްޖެ ދުށް ހުރިހާ ވެރިކަމެއްގައި ވެސް އެކި ސިފަ ސިފައިގައި އެކި ނަންނަމުގައި ގެންނަން އުޅެ ނުވެފައި އޮތް ބަންކަރިންގ ޚިދުމަތް ރާއްޖޭގައި ފަށަނީއެވެ. މިކަން ވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދައުރުގައި މި ފަށަނީއެވެ. މިއަދު އިރު އޮއްސޭއިރު ބަންކަރިންގެ ޚިދުމަތް ވާނީ ފެށިފައެވެ. ތާރީޚު ލިޔުއްވާ ބޭފުޅުންގެ ފަތްފުށްތަކުގައި މިވާހަކަތައް ލިޔުއްވާނެއެވެ. އެހެންކަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިވަނީ ރާއްޖެއަށް ސިޔާސީ އިންގިލާބެއް ގެނެސްދެއްވާފައެވެ. އެމަނިކުފާނުގެ ސިޔާސީ އިންގިލާބެވެ.






